ފުވައްމުލަކު އެތެރޭ މަގުތަކުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ އެމްޓީސީސީ

ފުވައްމުލައް އެތެރޭގެ މަގުތަކުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެ

ޏ. ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން، ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 އިންސައްތަ އާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި މި މަޝްރޫއަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.