އއ. އުކުޅަސް ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ އެމްޓީސީސީ

އުކުޅަސް ބަނދަރުގެ އެއްގަމު ތޮށިލާން ކޮންކްރީޓް ބްލޮކް އަތުރަން ފަށައިފި

އއ. އުކުޅަސް ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، އުކުޅަސް ބަނދަރުގެ އެއްގަމު ތޮށިލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފެށީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން، 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މި މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.