މިދިޔަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭސްގެ ތެރެއިން: ފައިލް ފޮޓޯ ދިރާގު

ދިރާގު ރޯޑް ރޭސް ސެޕްޓެމްބަރު 20 ގައި

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ އިވެންޓް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގުން ބުނި ގޮތުގައި މިއަހަރުގެ އިވެންޓްގެ ޝިއާރަކީވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ.

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭހުގައި މިއަހަރުވެސް އޮންނާނީ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ދުވުމެވެ. ރޯޑް ރޭހުގައި ބައިވެރިވުމަށް ހުޅުވާލާނެ ދުވަސް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

ރޯޑް ރޭހުގެ ފަސް ކިލޯމީޓަރު ކެޓަގަރީގައި ބައިވެރިވެވޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހަށް އުމުރުން ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި 10 ކިލޯމީޓަރު ކެޓަގަރީގައި ބައިވެރިވެވޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދިރާގުން ވަނީ ހުޅުވާލާފައެވެ. ރޯޑް ރޭހުގައި ރަޖިސްޓްރީވާ ޖަމިއްޔާތައް، ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ.

ރޭހުގައި ބައިވެރިވާ ދުވުންތެރިން، އޭގެ ތެރެއިން އިހުތިޔާރުކުރާ ޖަމިއްޔާއަކަށް ދުވުން ހާއްސަ ކުރެވޭނެއެވެ. އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ދިރާގުން ޖުމްލަ 200،000ރ. ހަދިޔާ ކުރާނެއެވެ.

ދިރާގުން ރޯޑް ރޭސް ތައާރަފުކުރީ 2007 ވަނަ އަހަރުއެވެ.