ޔޫއެންޑީޕީގެ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ދިރާގު

ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން ދެ ޕްރޮގްރާމެއް ހިންގަނީ

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލް ޕްރޮގްރާމްގެ ކްލައިމެޓް އެކްޝަންގައި ދިރާގުން ބައިވެރިވެއްޖެއެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޔޫއެންޑީޕީއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވަނީ "ޑްރޯންސް ފޯ ރެސިލިއަންސް" އާއި "ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން" ޕްރޮގްރާމެވެ.

"ޑްރޯންސް ފޯ ރެސިލިއެންސް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ދިމާވާ ކާރިސާތަކުން ސަލާމަތްވާނެ ގޮތާއި ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ކިޔައިދޭނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ފަހުގެ ޑްރޯން ޓެކްނޮލޮޖީތަކާއެކު ހިންގާ އެ ޕްރޮގްރާމް ހަތަރު ރަށެއްގައި ތަފުސީލު ޗާޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

"ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން" ޕްރޮގްރާމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ޒުވާނުން ހޭލުންތެރި ކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ މި ޕްރޮގްރާމް ކުރިއަށްގެންދާ ތިން ވަނަ އަހަރެވެ.