މީރާއަށް ލިބުނު އާމްދަނީ 59 އިންސައްތަ ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު މިއަހަރުގެ އެޕްރީލް މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 59.6 އިންސައްތަށް ދަށަށް ހިނގައްޖެއެވެ.

މީރާގެ އެޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު މީރާއަށް ލިބުނީ 527.47 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 23.26 މިލިއަން ޑޮލަރު ހިމެނެއެވެ.

އެޕްރީލް މަހުގެ އާމްދަނީ ދަށްވި އެއް ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުކުރުމާއި ގުޅިގެން ޓޫރިސްޓުން އައުން ހުއްޓުން ކަމަށް މީރާއިން ބުންޏެވެ. ލޮކްޑައުން އާ ގުޅިގެން މީރާ ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ސުންގަޑި ހަމަވާ ޓެކްސްތަކުގެ ސުންގަޑި އިތުރުކުރުމަކީވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.

މިއަހަރުގެ އެޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެޕްރީލް މަހުގެ ޖުމްލަ އާމްދަނީގެ 44.7 އިންސައްތަ އަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޖީއެސްޓީގެ ގޮތުގައި 235 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 133 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ އެޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީގެ 25.2 އިންސައްތައެވެ.