އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ އިކޮނޮމިކް މިނިސްޓްރީ

އަހަރީ ފީ ނުދައްކާ 1500 އަށްވުރެ ގިނަ ކުންފުނި އުވާލަނީ

އަހަރީ ފީ ނުދައްކާ 1500 އަށްވުރެ ގިނަ ކުންފުނި އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އުވާލަން މިފަހަރު އިއުލާނުކުރި ލިސްޓުގައި 1597 ކުންފުނި ހިމެނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ކުންފުނިތައް އުވާލަނީ ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީއެވެ.

އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 2002 އިން 2006 ގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީގައި ކުންފުނިތަކެވެ. އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީން އުވާލަން އިއުލާނުކޮށްފައިވާ ކުންފުންޏެއް ހިންގަން ބޭނުންނަމަ އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް އެޑްރެސްކޮށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.

އަހަރީ ފީ ނުދައްކާ 523 ކުންފުންޏެއް އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން އިއުލާނުކޮށްފައެވެ.