އައްޑޫ ސިޓީ: ފައިލް ފޮޓޯ އައްޑޫ ސިޓީ ކައުންސިލް އިދާރާ

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް ކަނޑައަޅާފައިވަނީ، ސައި ހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކަކީ

ހިތަދޫ – ހިތަދޫ ބަނދަރު ސަރަހައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު، ރީޖަނަލް ހޮސްޕިޓަލް ސަރަހައްދު.

މަރަދޫ – މަރަދޫ ބަނދަރު ސަރަހައްދު، މަރަދޫ ސިއްހީ މަރުކަޒު ސަރަހައްދު.

މަރަދޫފޭދޫ – މަރަދޫފޭދޫ ބަނދަރު ސަރަހައްދު.

ފޭދޫ – ފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ސިއްހީ މަރުކަޒު ސަރަހައްދު.

ހުޅުދޫ – ހުޅުދޫ ބަނދަރު ސަރަހައްދު، ހެރެތެރެ ޗެނަލް ސަރަހައްދު.

މީދޫ – މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްހީ މަރުކަޒު ސަރަހައްދު، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދު.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން، އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އައްޑޫ ސީޓީގެ އަވަށު އޮފީސްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ. 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހު ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.