އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ އިކޮނޮމިކް މިނިސްޓްރީ ޓްވިޓާ

ކުންފުނިތަކުގެ އަހަރީ ފީ ދައްކަން ހަނދާންކޮށްދީފި

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، އެ ގާނޫނުގެ ދަށުން ދައްކަންޖެހޭ އަހަރީ ފީ ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ށ) އާއި އެ ގާނޫނުގެ ތާވަލް ދެވަނަ ނަންބަރުގައި ބަޔާންކުރާ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާޗް މަސް ނިމުމުގެ ކުރިން ދައްކަންޖެހޭނެ ކަމަށް ބަޔާންކުރާ ކަމަށެވެ.

އަމިއްލަ ކުންފުންޏެއް ނަމަ އަހަރީ ފީއަކީ 2000ރ. ކަމަށާއި ޕަބްލިކް ކުންފުންޏެއް ނަމަ އަހަރީ ފީއަކީ 10000ރ. އެވެ.

މާޗް މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އެޕްރީލް މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ 1000ރ. ގެ ޖޫރިމަނާއަކާއެކުގައެވެ. އެޕްރީލް މަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ 2500ރ. ގެ ޖޫރިމަނާއަކާއެކުގައި ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް، "ކުންފުނި އުވައިލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދެވަނަ މާއްދާގެ އެއްވަނަ ނަންބަރުގެ ދަށުން އުވާލުމަސް ކަނޑައެޅޭނެ ކަމަށެވެ.