ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުން: ފޮޓޯ އެމްޓީސީސީ

ހިންނަވަރު ބަނދަރު ތަރައްގީކުރަން ސައިޓް މޮބިލައިޒްކޮށްފި

ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒްކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓިސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ 99.52 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީއިން މިއަދު ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައިވާ ގޮތުން މި މަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. އޭގެ އިތުރުން 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ 350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.