ދިރާގުގެ ހިދުމަތްތައް ހޯދުމުގައި ދިމާވި މައްސަލަތައް ހައްލުކޮށްފި
ދިރާގުގެ ބައެއް ހިދުމަތްތައް ލިބުމުގައި ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރީލޯޑާއި ރީޗާޖްގެ ހިދުމަތާއި މޯބައިލް އެޑް-އޯންސާއި ޕެކޭޖް ބަދަލުކުރުމާއި ދިރާގުގެ މައިއެކައުންޓް ހިދުމަތް ލިބުމުގައި ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. ދިރާގުން ބުނި ގޮތުގައި ދިރާގު އެޕްލިކޭޝަނާއި މަމެން އެޕްލިކޭޝަން ބޭނުންކުރުމުގައި ދިމާވި މައްސަލަތައްވެސް މިހާރު ވަނީ ހައްލުކޮށްފައެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުންނާއި ދިރާގުގެ ޕާޓްނާޝޮޕްތަކުން އައު މޯބައިލް ހިދުމަތް ހޯދުމާއި ބިލަށް ފައިސާ ދެއްކުމުގައި ދިމާވި މައްސަލަ ހައްލުކޮށް، މޮބައިލް ނަންބަރު ޕޯޓަބިލިޓީ ހިދުމަތަށް ދިމާވި މައްސަލަވެސް ވަނީ ހައްލުކޮށްފައެވެ.
މުވާސަލާތީ ކުންފުނި، ދިރާގުގެ ބައެއް ހިދުމަތްތައް ލިބުމުގައި ދަތިތަކާއި ކުރިމަތިވީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގުޅިގެން ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް އޮތް މަސްތަކުގައިވެސް ކުރިއަށްދާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާއިރު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ދިރާގުން ބުނެއެވެ.