މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ: ފައިލް ފޮޓޯ މީރާ

ދައުލަތަށް ލިބުނު އާމްދަނީ ދެ ބިލިއަން ރުފިޔާއަށް

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ދެ ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ، މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީގެ 90 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބުނުއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 206.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު 1.7 ބިލިއަން ރުފިޔާއަށް އަރައެވެ. ހަރަދުގެ 76 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ.

މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 813.7 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 544 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.