އިހަވަންދޫ ބަނދަރު މަޝްރޫއުގެ ތެރެއިން - ފޮޓޯ އެމްޓީސީސީ

އިހަވަންދޫ ބަނދަރު މަޝްރޫއު ކުރިއަށް

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި، މަގު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 4582 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މިއީ 59.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.