މީރާއިން އާންމުކުރި ތަފާސްހިސާބު

ފެބްރުއަރީ މަހު މީރާއަށް ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާއިން އާންމުކުރި ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު މީރާއަށް ވަނީ އާމްދަނީގެ ގޮތުގައި 1.43 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ބަލައިގަތް 57.2 މިލިއަން ޑޮލަރު ހިމެނެއެވެ.

ފެބްރުއަރީ މަހު މީރާއަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. މީރާއަށް ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ 43.7 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީއެވެ. ޖީއެސްޓީގެ ގޮތުގައި މީރާއަށް ފެބްރުއަރީ މަހު 623 މިލިއަން ރުފިޔާ ލިބުނެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފެބްރުއަރީ މަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބީޕީޓީގެ ގޮތުގައެވެ. ބީޕީޓީގެ ގޮތުގައި 412 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ފެބްރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ 28.9 އިންސައްތައެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 71 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 72 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.