ދިރާގު ހެޑް އޮފީސް: ފައިލް ފޮޓޯ ދިރާގު

ކޮވިޑް-19: ދިރާގު މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ!

ދިރާގުގެ މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމައިފިއެވެ.

މުވާސަލާތީ ކުންފުނި ދިރާގުން ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، އެ ކުންފުނީގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް މާޗް އަދި އެޕްރީލް މަހުގައި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ދިރާގު ޕްރީޕެއިޑް

ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް، ޕްރީޕެއިޑް މަންތްލީ ޑޭޓާ ބަންޑަލްސްތަކުން ދޭން ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން، މި ދުވަސްވަރު ފޯނު ކުރުމުގެ މުއާމަލާތްތައް އިތުރުވާނެތީ، ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް15" ގެ އަގު 50 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.

ދިރާގު ޕޯސްޓްޕެއިޑް

ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރެއިން ޑޭޓާ އެކުލެވިގެންވާ ހުރިހާ ޕްލޭނަކަށް، ހިލޭ އިތުރު ޑޭޓާ ލިބިގެންދާނެއެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް އެންމެ ކުޑަ ޕްލޭނުން ފެށިގެން 500އެމްބީ އާއި 10ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނި ގޮތުގައި މާޗް މަހުގެ އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި ކަސްޓަމަރުންނަށް ދީފައެވެ. ލިބިފައިވާ އިތުރު ޑޭޓާ ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ މި މާޗް މަހާއި ކުރިއަށް އޮތް އެޕްރީލް މަހުގައި ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފައެވެ. އަދި މާޗް މަހުގެ އިތުރު ޑޭޓާ މިހާރު ކަސްޓަމަރުންނަށް ދެވިފައިވާނޭ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މުވާސަލާތީ ކުންފުނި، ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން 25 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ކަނޑައަޅާފައެވެ. އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ މަހުފީ އިންވެސް 25 އިންސައްތައިގެ ޑިސްކައުންޓް ދޭން ވަނީ ނިންމާފައެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި އެ ކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ.