އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް
އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި މިއަހަރުގެ ޖެނުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބުނީ 23.53 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދައުލަތަށް 69.21 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީ ވަނީ 1.2 އިންސައްތަ ދަށްވެފައެވެ. މީރާއިން ހާމަކުރި ގޮތުގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ފަދަ ޓެކްސްތަކުން ލިބުނު އާމްދަނީ ދަށްވީ ކޮވިޑް-19 ގެ ސަބަބުންނެވެ.
އެއާޕޯޓް ސާވިސް ޗާޖް ގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބުނީ 22.96 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ދައުލަތަށް 68.65 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެއާޕޯޓް ސާވިސް ޗާޖަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން އަތުން، ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއާޕޯޓް ސާވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ. މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.
ރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއާލައިންތަކުން ދަތުރުކުރާ ފަސިންޖަރުން އަތުން އެއާޕޯޓް ސަވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަކީ، އެ އެއާލައިނެއްގެ ޒިންމާއެކެވެ. ޗާޓަރު ފްލައިޓަކުން ނުވަތަ ޕްރައިވެޓް ޖެޓަކުން ފުރާ ފަސިންޖަރުން އަތުން އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަކީ، އެ ފްލައިޓެއް ރާއްޖޭން ބޭރަށް ފުރާ އެއާޕޯޓެއްގެ ޒިންމާއެކެވެ.