ޖޫންމަހު މީރާއަށް 1.19 ބިލިއަން ރުފިޔާ ލިބުނު - ފޮޓޯ މީރާ ފޭސްބުކް

ޖޫން މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ

މިއަހަރުގެ ޖޫން މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 1.19 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން އާންމުކުރި މިއަހަރުގެ ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖޫން މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 54.98 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖޫން މަހު މީރާއަށް ލިބުނު އާމްދަނީ 326 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު މީރާއަށް ލިބުނީ 278 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ޖޫން މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި މިއަހަރުގެ ޖޫން މަހު މީރާއަށް 529 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ ޖޫން މަހު ލިބުނު އާމްދަނީގެ 44.6 އިންސައްތައެވެ.

ނިމިގެންދިޔަ ޖޫން މަހު، މީރާއަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ޖޫން މަހު 369 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، އެއީ ޖޫން މަހު ލިބުނު އާމްދަނީގެ 31.1 އިންސައްތައެވެ.

ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް، ޖޫން މަހު މީރާއަށް ލިބުނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 94.7 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖޫން މަހު ލިބުނު އާމްދަނީގެ އަށެއް އިންސައްތައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖޫން މަހު ލިބުނީ 59.9 މިލިއަން ރުފިޔާއެވެ. ޖޫން މަހު ލިބުނު އާމްދަނީގެ ފަހެއް އިންސައްތަ ހިއްސާކުރަނީ ގްރީން ޓެކްސްއެވެ.