ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ތައާރަފުކޮށްފި
ދިރާގުން "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި މުޅިން އާ މޮބައިލް ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފުކޮށްފިއެވެ.
މި އާ ޕްލޭންގައި ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށް ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ދިރާގު އަމިއްލަ ޕޯސްޓެޕެއިޑް ތައާރަފުކުރުމަށް ދިރާގުން ވަނީ ރޭ ވާރޗުއަލް އިވެންޓެއް ބާއްވާ، ދިރާގު ފޭސްބުކް ޕޭޖުގައި ލައިވްކޮށް ދައްކާފައެވެ.
ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެއެވެ.
ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައެވެ.
އަމިއްލަ ޕޯސްޓްޕެއިޑް އާ ބެހޭގޮތުން ދިރާގު މެނޭޖާ ކޮންސިއުމާ ޕޯސްޓްޕެއިޑް، އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު މޯބައިލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ މޮބައިލް ޔޫސޭޖް ބިހޭވިޔަރ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާ ގޮތުގައި ފަސޭހަކަމާއެކު އަމިއްލައަށް މޮބައިލް ޕްލޭންތައް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޕަރސަނަލައިޒް ކޮށްލުމަކީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް. އެގޮތުން މިހާރު ދިރާގު އަމިއްލަ ޕޯސްޓްޕެއިިޑަށް މިގެނައި އައު ފީޗާރސްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮބައިލް ޔޫސޭޖް މެނޭޖްކޮށް، ދިރާގު ކަސްޓަމަރ ސެންޓަރަކަށް ޒިޔާރަތް ނުކޮށް، ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖު ބަދަލު ކޮށްލެވޭނެ." ޖަނާ އިބްރާހީމް ވިދާޅުވިއެވެ.
ދިރާގު ޕޯސްޓްޕެއިޑް ހިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ހޯމް ފައިބަރ ބްރޯޑްބޭންޑް، ބިޒް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ދިރާގުގެ އެކި އެކި ހިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.