ދިރާގުން މީގެ ކުރިން ބޭއްވި އިވެންޓެއްގެ ތެރެއިން: ފައިލް ފޮޓޯ ދިރާގު

ދިރާގުގެ ސްޓާޓަޕް ވީކެންޑް މިމަހުގެ 15ގައި

ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ "ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" މިމަހުގެ 15 ގައި ފަށަން ނިންމައިފިއެވެ.

މިމަހުގެ 15 އިން 17 އަށް ބާއްވާ މި ހަރަކާތަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ 150 ގައުމެއްގައި ހިންގާ ހަރަކާތެކެވެ.

"ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" ހަރަކާތުގައި، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިޒައިނަރުންނާއި ޑިވެލޮޕަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ހިޔާލުތައް ހަގީގަތަކަށް ހެދުމާއި ބެހޭ ގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.

އޭގެ އިތުރުން އެ ހަރަކާތުގެ ބައިވެރިންނަށް، ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި ދިރާގާއި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންގެ އިރުޝާދު ލިބިގެންދާނެއެވެ.