އިންފޮގްރެފިކް- މީރާ

ޖުލައިގެ ނިޔަލަށް މީރާއަށް 13.9 ބިލިއަން ރުފިޔާ

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 13.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއަށް ލިބުނީ 8.1 ބިލިއަން ރުފިޔާއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހު މީރާއަށް 2.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 79.60 މިލިއަން ޑޮލަރު ހިމެނެއެވެ.

ޖުލައި މަހު، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި ޖުލައި މަހު މީރާއަށް 1.28 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުލައިމަހު ލިބުނު އާމްދަނީގެ 48.6 އިންސައްތައެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި ޖުލައި މަހު 577 މިލިއަން ރުފިޔާ، ދައުލަތަށް ލިބުނުއިރު މިއީ ޖުލައި މަހު ލިބުނު އާމްދަނީގެ 21.8 އިންސައްތައެވެ.