ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ ކަސްޓަމަރުންނަށް އިތުރު 10 ޖީބީ ޑޭޓާ ހިލޭ ދީފިއެވެ.
މި ދުވަސްވަރަކީ އެންމެންވެސް ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާ ދުވަސްވަރަކަށްވާއިރު، ގޭގައި ތިބެގެން ކިޔެވުމާއި ގޭގައި ތިބެގެން މަސައްކަތް ކުރުމުގައި އެ ޑޭޓާގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ޝޯޝަލް މީޑިއާތަކުގައި ޝޯޝަލައިޒްވުމަށާއި މުނިފޫހިފިލުވުމަށްވެސް އެ ޑޭޓާގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި މިމަހު ބާކީ އޮތް ދުވަސްތަކަށް ހިލޭ ލިބޭ 10 ޖީބީ ޑޭޓާ އެކްޓިވޭޓް ކުރެވޭނެއެވެ. އަދި އެޕްރީލް މަހަށް އިތުރު 10 ޖީބީ ޑޭޓާ ހިލޭ އެކްޓިވޭޓް ކުރެވޭނެއެވެ. ދިރާގު މައިއެކައުންޓްގައިވާ ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ހިލޭ ޑޭޓާ އެކްޓިވޭން ކުރެވޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން، ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، މާޗް މަހާއި އެޕްރީލް މަހު 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ދޭން އެ ކުންފުނިން ވަނީ ނިންމާފައެވެ. އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކަސްޓަމަރުންނަށް ފިކްސްޑް ބްރޯޑްބޭންޑްގެ މަހުފީ އިން 25 އިންސައްތައިގެ ޑިސްކައުންޓެއް ދޭންވެސް ވަނީ ނިންމާފައެވެ.