އަނގޮޅިތީމު ބަނދަރު މަޝްރޫއު ކުރިއަށްދަނީ - ފޮޓޯ އެމްޓީސީސީ

އަނގޮޅިތީމު ބަނދަރު މަޝްރޫއުގެ 50 އިންސައްތަ ނިމިއްޖެ

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަ ކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތް ޖޫން މަހުގެ 24 ވަނަ ދުވަހު ވަނީ ނިމިފައެވެ. ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، 42615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.