3 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް
ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މ. މުލައް، ބ. ތުޅާދޫ އަދި ރ. ރަސްމާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.
މ. މުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަގަކީ 17.66 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ގާއިމުކޮށް ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެއެވެ. މި މަޝްރޫއަކީ 105 ދުވަހުން ނިންމުމަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ.
ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 280 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ގާއިމުކޮށް ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެއެވެ. މިއީ 150 ދުވަހުން ނިންމުމަށް ހަވާލުކުރެވުނު މަޝްރޫއެކެވެ.
ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 11.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި 186 މީޓަރުގެ ރިވެޓްމެންޓެއް ގާއިމުކޮށް ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެއެވެ. މިއީ 90 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މ. މުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ ހަމައެކަނި ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއެކެވެ. ބ. ތުޅާދޫ އަދި ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކުރެވިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.