އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޕްލޭނިން މިނިސްޓްރީ

ތިން ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަން ހަވާލުކޮށްފި

ތިން ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަން ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ހއ. މޮޅަދޫ އާއި މ. ވޭވަށް އަދި ލ. މުންޑޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއެވެ.

ހއ. މޮޅަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 35.86 މިލިއަން ރުފިޔާ ހޭދަވާއިރު މ. ވޭވަށުގެ މަޝްރޫއަށް 32.68 މިލިއަން ރުފިޔާ އަދި މުންޑޫގެ މަޝްރޫއަށް 35.53 މިލިއަން ރުފިޔާ ހޭދަވެއެވެ. ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި ތިން ރަށުގެ މަޝްރޫއުވެސް 780 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ތިން ރަށުގެ ސާވޭކުރުމާއި އީ.އައި.އޭގެ މަސައްކަތާއި ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމުގެ މަސައްކަތް ހިމެނެއެވެ. އޭގެ އިތުރުން އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.