ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއަށް

ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކުރި ގޮތުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޅުދުއްފުށީ މޭޖަ ރޯޑްސް – ފޭސް 2 ގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 100.7 މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މޫސާ އަލި މަނިކެވެ. އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މި މަޝްރޫއު 510 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ހަ ކިލޯމީޓަރުގެ މަގުތަކުގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި މަގު ބައްތި ޖެހުންވެސް ހިމެނެއެވެ.