އެމްޓީސީސީ އިން ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދަނީ: ފޮޓޯ އެމްޓީސީސީ

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ކ. ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ހާމަކުރަމުން، އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، މަޝްރޫއުގެ ދަށުން 28760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 24.6 މިލިއަން ރުފިޔާއަށެވެ.

އޭރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ތެރޭގައި 38 މީޓަރު ބޮޑުހިލައިގެ ބޭރުތޮށިލުމާއި 172 މީޓަރު އެއްގަމު ތޮށިލުމާއި ހަތަރު ނެރު ބައްތި އަދި 11 ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ. އޭގެ އިތުރުން 772 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމުގެ އިތުރުން 287 މީޓަރުގެ ރިވެޓްމަންޓް ޖެހުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.