މީރާއިން ހިދުމަތް ދެނީ: ފައިލް ފޮޓޯ މީރާ

ޖީއެސްޓީގެ ގޮތުގައި 744 މިލިއަން ރުފިޔާ ލިބިއްޖެ

ޖުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި މިއަހަރު ދައުލަތަށް 744.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޖެނެރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީޖީއެސްޓީ) އަދި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް 744.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޖީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު 514.6 މިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު 229.7 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މި މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 859.2 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ދެ ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އާމްދަނީގެ 90 އިންސައްތައަކީ ޓެކްސް އާމްދަނީއެެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދައުލަތަށް 404.2 މިލިއަން ރުފިޔާ ލިބިފައިވާއިރު ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 75.5 މިލިއަން ރުފިޔާ އަދި އިންޑިވިޖުއަލް އިންކަމް ޓެކްސްގެ ގޮތުގައި 41.4 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.