
ހިންމަފުށި އައު ހާބަރ ބޭސިން ފުންކުރުމުގެ 99 އިންސައްތަ ނިމިއްޖެ
ކ. ހިންމަފުށި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓީން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ހާމަކުރި ގޮތުގައި ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މިމަހުގެ ހަތަރުވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.