ދިރާގުން 140 އިންސައްތަ އާހަމައަށް ހިލޭ ޑޭޓާ
ކޮވިޑް-19 އާ ގުޅިގެން، އިންޓަނެޓްގެ ހިދުމަތުން އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު، ކުރިއަށް އޮތް ދެމަހަށް އިތުރުކޮށްދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
މުވާސަލާތީ ކުންފުނި ދިރާގުން ބުނި ގޮތުގައި، އެގޮތަށް ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންނެވެ.
ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދެވުމުން، 70 އިންސައްތަ އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 އިންސައްތަ އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް
ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 އިންސައްތަ އާއި 140 އިންސައްތަ އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވަންސް އެޕްރީލް އަދި މެއި މަހުގައި ދިނުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، މާޗް މަހު ހުރިހާ ބޫސްޓާތަކަށް ދީފައިވާ 50 އިންސައްތަ ޑިސްކައުންޓް އެޕްރީލް މަހުގައިވެސް ލިބިގެންދާނެއެވެ.
މޯބައިލް ކަސްޓަމަރުންނަށް
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެޕްރީލް އަދި މެއި މަހު 50 އިންސައްތަ އާއި 75 އިންސައްތަ އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭން ވަނީ ނިންމާފައެވެ. ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލް އަދި މެއި މަހު ބައްލަވައިގަންނަވާ މަންތުލީ ޑޭޓާ އެޑް-އޮން އަށް 50 އިންސައްތަ އިތުރު ޑޭޓާ ދޭން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމުކޮށްފައިވާ ހުރިހާ ޓާސްކްފޯސް އޮޕަރޭޝަން ސެންޓަރުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ މާޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުންނެވެ.