އެމްޓީސީސީ ހެޑް އޮފީސް: ފައިލް ފޮޓޯ އެމްޓީސީސީ ފޭސްބުކް ޕޭޖް

އެމްޓީސީސީއަށް 67 މުވައްޒަފުން ހޯދުމަށް ވޯކްއިން އިންޓަރވިއު އެއް މާދަމާ

އެމްޓީސީސީއަށް 67 މުވައްޒަފުން ހޯދުމަށް ވޯކްއިން އިންޓަރވިއު އެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ ވޯކްއިން އިންޓަރވިއު އޮންނާނީ މާދަމާގެ ހަވީރު 4 ން އިރުއޮއްސި 7 ޖަހަންދެން ކަމަށެވެ. އަދި މިއީ އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރުމަށް ހޯދާ މީހުން ކަމަށް ވެސް ބުންޏެވެ.

މާދަމާގެ ވޯކް-އިން އިންޓަވިއުތައް ވަޒީފާ އަދާކުރަމުން ނުދާ ޒުވާނުންނަށް ޚާއްސަކޮށްފައިވާއިރު، މި އިންޓަވިއުން ހޮވޭ މީހުންނަށް 10300އާއި 13700 ރުފިޔާއާއި ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އަސާސީ ތަޢުލީމު ޙާސިލްކޮށްފައިވުމާއެކު، ކޮންސްޓަރަކްޝަން ދާއިރާގެ ތަޖުރިބާހުރި މީހުންނަށް އިސްކަންދިނުމަށް ނިންމާފައިވާއިރު، ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަމާއި، ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައި ވާންޖެހެއެވެ.

އެމްޓިސީސީން ބުނީ ވަޒީފާއަށް ހޮވޭ މީހުން ސްޓާފް މެޑިކަލް އިންޝުއަރެންސް އަދި ޕެންޝަން ސްކީމްގައި ހިމަނާނެ ކަމަށެވެ.