ސާމްޕަލް ނެގުމުގައި ޓީމަކުން ހަރަކާތްތެރިވަނީ: ފައިލް ފޮޓޯ އެޗްޕީއޭ ފޭސްބުކް

ކޮވިޑް-19: ސިއްހީ ދާއިރާއަށް 923 މިލިއަން ރުފިޔާ އީއާރްޕީ އަށް 302 މިލިއަން ރުފިޔާ

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް 923.2 މިލިއަން ރުފިޔާ އަދި އިކޮނޮމިކް ރިލީފް ޕެކޭޖް (އީއާރްޕީ) އަށް 302 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް ހޭދަކުރި 923.3 މިލިއަން ރުފިޔާ އަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުން ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހޭދަކުރި މިންވަރެވެ. އަދި އެ މިންވަރަކީ މިދިޔަ ހަފުތާއަށްވުރެ 3.5 އިންސައްތަ އިތުރުވުމެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އިކޮނޮމިކް ރިލީޒް ޕެކޭޖް (އީއާރްޕީ) ގެ ތެރެއިން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ހަރަދަކީ ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް، އީއާރްޕީއަށް ހޭދަކުރެވިފައިވާ އަދަދެވެ.

ކޮވިޑް-19 ސިއްހީ ދާއިރާގެ ހަރަދުގެ ތެރެއިން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް 612 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު ހެލްތު މިނިސްޓްރީއަށް 142.6 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ޕްލޭނިން މިނިސްޓްރީއަށް 29.1 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.