މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ރާއްޖެއިން އޮން-އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަނީ

ރާއްޖެއިން އޮން-އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާނު ކުރައްވައިފިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުން ރާއްޖެއިން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލެވޭނެ ކަމަށެވެ.

"މާނައަކީ އެދުވަހުން ފެށިގެން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް، ރާއްޖެއަށް ވަކި ގޮތެއް ނިމެންދެން އެތެރެ ނުވެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިސޯޓްތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ އެންމެ ހަލުވިކޮށް ފެތުރެމުންދާ ބައެއް ގައުމުތަކުން، ރާއްޖެއަށް ފަތުރުވެރިން އައުން މިހާރުވެސް ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި އިޓަލީ، ސްރީލަންކާ، ސްޕެއިން، މެލޭޝިޔާ، އިނގިރޭސިވިލާތް ހިމެނެއެވެ.