އެމްޓީސީސީ އިން ފެލިވަރުގައި ހިންގާ މަޝްރޫއަށް މިއަދު ވަނީ ސައިޓް މޮބިލައިޒްކޮށްފަ: ފޮޓޯ އެމްޓީސީސީ

ފެލިވަރުގެ މަޝްރޫއަށް އެމްޓީސީސީއިން ސައިޓް މޮބިލައިޒްކޮށްފި

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒްކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ މިމަޝްރޫއު ހަވާލުކުރީ 113.39 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި މިމަޝްރޫއުގެ ދަށުން ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 229،663.39 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. އޭގެ އިތުރުން 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 270 މީޓަރުގެ ސަަރަަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އެމްޓީސީސީއިން ބުނި ގޮތުގައި މަޝްރޫއުގެ ބޭނުމަކީ ބަނދަރަކާއިއެކު ކޯލްޑް ސްޓޯރޭޖްގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމެވެ.