ރާއްޖޭގެ ވާހަކަ ކިޔައިދޭ ކޮންފަރެންސްގެ ޕާޓްނަރަކަށް ދިރާގު

އެމްއެމްޕީއާރުސީ އިން އިންތިޒާމުކުރާ "ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފެރެންސް 2023" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ވާހަަކަ ކިޔައިދޭ މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 30 އިން ޖޫން ދެވަނަ ދުވަހުގެ ނިޔަލަށެވެ.މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ހިމެނެ އެވެ.

ދިރާގުން ބުނި ގޮތުގައި "ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ" ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީހާއި ސަގާފީ ތަރިކައާ ބެހޭ މައުލޫމާތު އަދި ވާހަކައާއި ޚަބަރު އުފެއްދުމާއި ބެހޭ އެކި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން މި ކޮންފަރެންސްގައި ދިވެހި އުފެއްދުންތައް ދައްކާލާ ސްޓޯލްތައްވެސް ހުންނާނެ އެވެ.