ބަނދަރު ތަރައްގީކުރަން ސައިޓް މޮބިލައިޒްކުރުން ކުރިއަށްދަނީ - ފޮޓޯ އެމްޓީސީސީ

މަންދޫ ބަނދަރު ތަރައްގީކުރަން ސައިޓް މޮބިލައިޒްކޮށްފި

އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީ އިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުންގެ ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި 1180 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ 39.28 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.