ސިނަމާއެއް ޑިސްއިންފެކްޓް ކުރަނީ

އިންޑިއާގެ ސިނަމާތައް އަންނަ މަހު ހުޅުވާލަފާނެ

އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާލުމުގެ ހުއްދަ އަންނަ މަހު ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް، ސިނަމާތައް ހިންގާ ފަރާތްތަކުން ބުނެފިއެވެ.

ސިނަމާތައް ބަންދުކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި ހުންނަތާ މިހާރު ވަނީ ގާތްގަނޑަކަށް ހަތަރު މަސްވެފައެވެ.

މަލްޓިޕްލެކްސް އެސޯސިއޭޝަން އޮފް އިންޑިއާ (އެމްއޭއައި) އިން ވަނީ، ސިނަމާތައް އަލުން ހުޅުވުމަށްޓަކައި ވަރަށް ތަފުސީލު ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖާ (އެސްއޯޕީ) އެއް އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އަށް ހުށަހަޅާފައެވެ. މިއީ އެމްއޭއައި އިން ހުށަހެޅި ދެވަނަ އެސްއޯޕީއެވެ.

އިންޑިއާގެ ސިނަމާތައް ހިންގާ ފަރާތްތަކުން ބުނި ގޮތުގައި، އެ އެސްއޯޕީ އެ މިނިސްޓްރީން ބަލައިގަތީ ވަރަށް ޕޮޒިޓިވްކޮށެވެ. އިންޑިއާގެ ސިނަމާތައް ހިންގާ ފަރާތްތަކުން އުންމީދުކުރަނީ ކޮވިޑް-19 ލުއިތަކުގެ 3.0 އާއެކު އޮގަސްޓް މަހު، އެގައުމުގެ ސިނަމާތައް ހުޅުވާލެވޭނެ ކަމަށެވެ.

އެސްއޯޕީގައި ފާހަގަކޮށްފައިވާ ގޮތުން ސިނަމާގެ ސީޓްތައް ޑީޕް ކްލީން ކުރާނެއެވެ. އަތް ދޮވެވޭނެ އިންތިޒާމު ސިނަމާތަކުގައި އިތުރުކުރާއިރު، ސިނަމާއިން ޖާގަ ދޭނީ ކެޕޭސިޓީގެ 70 އިންސައްތައާ ހަމަށެވެ.

ސިނަމާތައް ބަންދުކުރުމާއި ގުޅިގެން ބޮލީވުޑްގެ ބައެއް ފިލްމްތައް ވަނީ އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒްކޮށްފައެވެ.