ސްކޫލެއްގެ ސެން ކްލާހަށް ބީއެމްއެލްގެ އެހީ ހަވާލުކުރަނީ: ފޮޓޯ ބީއެމްއެލް

ބީއެމްއެލްއިން އިތުރު 10 ސްކޫލެއްގެ ސެން ކުލާހަށް އެހީ ފޯރުކޮށްދީފި

ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ތަކެތި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހަދިޔާކޮށްފިއެވެ.

މިއީ ކުދިންގެ ގާބިލުކަމާއި، އެހެން މީހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ވަސީލަތްތައް ފޯރުކޮށްދީފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. އަަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ. މަތިވެރި ސްކޫލު، އއ. ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާ އަށެވެ. ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފާއިިތުވި އަހަރުގެ ތެރޭގައި ވެސް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައިވެއެވެ.