އެކްޓަރު ޑެނިއަލް ކްރެއިގް

"ނޯ ޓައިމް ޓު ޑައި" އޮންލައިން ޕްލެޓްފޯމަށް ގެންނަން 600 މިލިއަން ޑޮލަރު؟

ޖޭމްސް ބޮންޑްގެ ރޯލުން އެކްޓަރު ޑެނިއަލް ކްރެއިގް ފެނިގެންދާ ފިލްމް "ނޯ ޓައިމް ޓު ޑައި" ބޮޑު ސްކްރީނަށް އައުން ލަސްވެގެންދަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް އޮންލައިން ޕްލެޓްފޯމެއްގައި މި ފިލްމް ރިލީޒްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން 600 މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅާ ފަރާތަކަށް ފިލްމް ދޫކޮށްލަން ފިލްމް އުފެއްދި ފަރާތުން އޮތީ ތައްޔާރަށެވެ. އެއީ ބޮޑު އަގެއް ކަމުގައި ވީނަމަވެސް، އޮންލައިން ޕްލެޓްފޯމްގެ ހިދުމަތްދޭ ބައެއް ފަރާތްތަކުން ފިލްމް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމް "ނޯ ޓައިމް ޓު ޑައި" ރިލީޒް ކުރަން ފުރަތަމަ އޮތީ މިއަހަރުގެ އެޕްރީލް މަހުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމް ރިލީޒްކުރުން މިއަހަރުގެ ނޮވެމްބަރަށް ފަސްކުރިއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އެޕްރީލް މަހުއެވެ.

ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކުރާ މި ފިލްމުން ރަމީ މާލިކް، ލިއާ ސިޑޫ، ނިއޯމީ ހެރިސް، ޖެފްރީ ރައިޓް އަދި ރާފް ފިއެނެސް ފެނިގެންދާނެއެވެ.