އާލިއާ ބަޓް

ކައިވެނީގެ އަޑުތައް ފެތުރޭތީ ވަނީ ބޮޑު މަޖަލަކަށް: އާލިއާ

ރަންބީރް ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން ފެތުރެމުންދެއެވެ. ރަންބީރާއި ކައިވެނިކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އާލިއާ މިވަނީ ރައްދު ދީފައެވެ.

"ޒޫމް ޓީވީ" އާ ވާހަކަ ދައްކަމުން އާލިއާ ބުނީ، މިހާރު ފެތުރެމުންދަނީ ކޮންކަހަލަ ވާހަކަ ތަކެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ. ކައިވެނި ކުރާ ތާރީހުވެސް ކަނޑައަޅައިފި ކަމަށް ބުނެ ތާރީހުތަކެއްގެ ވާހަކަ މީހުން ދައްކަމުންދާ ކަމަށާއި އެކަން ވަނީ ބޮޑު މަޖަލަކަށް ކަމަށް އާލިއާ ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، އެ ދެ ތަރިން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ކައިވެނީގެ އަޑުތައް ގަދަވެފައި ވަނިކޮށް އާލިއާ ވަނީ ރަންބީރްގެ މަންމައާވެސް ބައްދަލުކޮށްފައެވެ.

އާލިއާ ބަޓްގެ ބައްޕަ، މަހޭޝް ބަޓް މީގެ ކުރިން ބުނެފައިވަނީ ރަންބީރް އާއި އާލިއާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އަދި ކައިވެނިކުރާނަމަ އެކަންވެސް ނިންމާނީ އެ ދެމީހުން ކަމަށް މަހޭޝް ވަނީ ބުނެފައެވެ.