މަނީޝާ

ލޮކްޑައުން އިން ހަނދާންވީ ކެންސަރަށް ފަރުވާ ހޯދި ދުވަސްތައް: މަނީޝާ

ކޮވިޑް-19 ގެ ލޮކްޑައުން އިން ހަނދާން އާ ކޮށްދެނީ ކެންސަރަށް ފަރުވާ ހޯދުމަށް އެކަހެރިވެގެން އިން ދުވަސްތައް ކަމަށް ބޮލީވުޑްގެ އެކްޓްރެސް މަނީޝާ ކޮއިލަރާ ބުނެފިއެވެ.

އޯވަރީ ކެންސަރު ޖެހި، އެ ބައްޔާއި ހަނގުރާމަކޮށް އެ ބަލިން ރަނގަޅުވެފައިވާ އެކްޓްރެސް މަނީޝާ ބުނީ ކެންސަރަށް ފަރުވާ ހޯދުމަށް ހަ މަސް ދުވަސް ވަންދެން ބަންދުވެފައި ހުރި ދުވަސްތައް، ކޮވިޑް-19 ގެ މި ލޮކްޑައުންގެ ސަބަބުން ހަނދާން އާވެގެންދާ ކަމަށެވެ.

މަނީޝާ ކެންސަރަށް ފަރުވާ ހޯދީ ނިއު ޔޯކްގައެވެ. އެ ދުވަސްތަކުގައި އޭނާ ބަންދުވެފައި ހުރީ އޭނާގެ އެޕާޓްމަންޓްގައެވެ. ނަމަވެސް އޭރަށްވުރެ މިހާރުގެ ހާލަތު މާބޮޑަށްވެސް ގޯސް ކަމަށް މަނީޝާ ވަނީ ބުނެފައެވެ.

ލޮކްޑައުންގެ ހާލަތުގައި ތިބިއިރު، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދަށް އެންމެންވެސް ތަބާވާނަމަ ހާލަތު މިއަށްވުރެ ރަނގަޅުވާނެ ކަމަށް މަނީޝާ ބުންޏެވެ. މަނީޝާ ބުނީ ގޭގައި ތިބެން ފޫހިވާނެކަންވެސް އެނގޭ ކަމަށާއި ނަމަވެސް ވަށައިގެންވާ މާހައުލުން ފެންނަމުންދާ މަންޒަރުތަކުން އިބުރަތް ހާސިލުކުރަން ޖެހޭ ކަމަށެވެ.

ބަތަލާ ބުނި ގޮތުގައި އޭނާ ގިނަ ވަގުތު ހޭދަކުރަނީ ފޮތް ކިޔުމާއި، ލިޔުމާއި، ބަގީޗާ ހެއްދުން އަދި އާއިލާއާއެކު ވަގުތު ހޭދަކުރުމުގައެވެ. އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށާއި ގޭތެރެ ސާފުކުރާ ކަމަށްވެސް މަނީޝާ ވަނީ ބުނެފައެވެ.

މަނީޝާ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި ސައުދާގަރް، ދަންވާން، ލަސްޓް ސްޓޯރީ އަދި ސަންޖޫ ހިމެނެއެވެ.