މޯލްޑިވިއަންއިން މާފަރުން މުމްބާއީއަށް ދަތުރުތައް ފަށަނީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަންއިން ތައްޔާރުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި އެޕްރީލް މަހުގެ 13 ވަނަ ދުވަހު ފުރަތަމަ ފްލައިޓް މުމްބާއީއިން ޑައިރެކްޓްކޮށް މާފަރަށް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ. ދަތުުރުތައް ފަށާއިރު، ހަފުތާއަކު ތިން ފްލައިޓް އޮންނާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

މާފަރު އެއާޕޯޓް ހިމެނޭ ސަރަހައްދުގައި 10000 ޓޫރިސްޓް އެނދު އެބަހުރި ކަމަށް މިހާދު ވިދާޅުވިއެވެ. މިހާދު ވިދާޅުވި ގޮތުގައި އެއީ ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅު ހިމެނޭ ގޮތަށެވެ.

މިހާދު ވިދާޅުވީ ރިސޯޓްތަކާއި އެ ސަރަހައްދުގެ ގެސްޓްހައުސްތަކާއެކު މަސައްކަތްކޮށްފައިވާ ކަމަށާއި އިންޑިއާގެ ޓުއާ އޮޕަރޭޓަރުންތަކާއެކުވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މާފަރަށް ސީދާ ދަތުރުތައް ފެށުމާއެކު މާފަރު ހިމެނޭ ހަތަރު އަތޮޅުގެ އެންމެ ދުރު ރަށަށްވެސް ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައި ސްޕީޑް ބޯޓުގައި ފަތުރުވެރިން ގެންދެވޭނެ ކަމަށް މިހާދު ވިދާޅުވިއެވެ.