ވިދްޔާ ބާލަން

"ޝަކުންތަލާ ދޭވީ" ރިލީޒްކުރާނީ މިމަހުގެ 31 ވަނަ ދުވަހު

އަނޫ މެނަން ޑައިރެކްޓްކުރާ ފިލްމް، "ޝަކުންތަލާ ދޭވީ" މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯގައެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ހިސާބު ޓީޗަރު، ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމްގައި ޝަކުންތަލާގެ ރޯލުން ފެނިގެންދާނީ ވިދްޔާ ބާލަންއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސާނިޔާ މަލޯތްރާ، އަމިތު ސާދު އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެއެވެ. މި ފިލްމްގައި ސާނިޔާ ފެނިގެންދާނީ ޝަކުންތަލާގެ ދަރިފުޅުގެ ރޯލުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ސިނަމާތައް ބަންދުކޮށްފައިވާއިރު، ބައެއް ފިލްމްތައް ޑިޖިޓަލްކޮށް ދަނީ ރިލީޒްކުރަމުންނެވެ. އެގޮތުން އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާ ލީޑް ރޯލު ކުޅެފައިވާ ފިލްމް "ގުލާބޯ ސިތާބޯ" ރިލީޒްކޮށްފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯގައެވެ. އޭގެ އިތުރުން ފިލްމް "ސަޅަކް 2" ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމާފައިވާކަން ފިލްމްގެ ޕްރޮޑިއުސަރު ވަނީ ހާމަކޮށްފައެވެ.