އިންޑިއާގެ ފިލްމީ ދާއިރާއަށް 330 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ލަފާކޮށްފި
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު، އޭގެ ސަބަބުން އިންޑިއާގެ ފިލްމީ ދާއިރާއަށް 330 މިލިއަން އެމެރިކާ ޑޮލަރު (2500 ކްރޯޑް ރުޕީސް) ގެ ގެއްލުން ވާނެ ކަމަށް ލަފާކޮށްފިއެވެ.
އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތައް، ކޮވިޑް-19 ގެ ސަބަބުން މިހާރު އޮތީ ހުއްޓިފައެވެ. ޓްރޭޑް އެނަލީސްޓް ކޮމަލް ނަހަޓާ ބުނި ގޮތުގައި ފިލްމީ ދާއިރާގެ މަސައްކަތްތައް އަލުން ފެށުނު ކަމުގައި ވީނަމަވެސް، އެންމެ މަތީ ފަންތީގެ އެކްޓަރުންނަށް އެ އެކްޓަރުންގެ ފުރިހަމަ މުސާރައިގައި މަސައްކަތް ނުކުރެވޭނެއެވެ. އެ އެކްޓަރުންގެ މުސާރަ ކުޑަކުރަން ޖެހޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުގައި ސިނަމާތައްވެސް ވަނީ ބަންދުކޮށްފައެވެ. ސިނަމާތައް އަލުން ހުޅުވި ކަމުގައި ވީނަމަވެސް، ފުރިހަމަ ކެޕޭސިޓީގައި ސިނަމާތައް ނުހިންގޭނެ ކަމަށް ކޮމަލް ވަނީ ބުނެފައެވެ. ސަބަބަކީ އިޖުތިމާއީ ގައިދުރުމިން ގެންގުޅެން ޖެހުމެވެ. ޗައިނާގެ ސިނަމާތަކުން މިސާލު ދައްކަމުން ކޮމަލް ބުނީ އިޖުތިމާއީ ގައިދުރުމިނަށް ވިސްނާ، ސިނަމާތަކުން ޓިކެޓް ވިއްކާ ނަމަ ސިނަމާއިން ވިއްކޭ ޓިކެޓްގެ އަދަދު މަދުކުރަން ޖެހޭނެ ކަމަށެވެ. ބޮޑު ބަޖެޓަކުން އުފައްދާ ފިލްމްތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެކަން ކޮމަލް ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ ފިލްމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އަޅުވާ ފިލްމްތަކެކެވެ. ނަމަވެސް ގިނަ ގައުމުތަކުގެ ސިނަމާތައް މިހާރު ބަންދުކޮށްފައިވާއިރު، މިއީވެސް އިންޑިއާގެ ފިލްމްތަކަށް ލިބޭ ގެއްލުމެއް ކަމަށް ކޮމަލް ފާހަގަކުރިއެވެ.
ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ފިލްމްތަކުގެ ތެރޭގައި އަކްޝޭ ކުމާރްގެ "ސޫރިޔާވަންޝީ" އާއި ރަންވީރު ސިންގްގެ "83" ހިމެނެއެވެ.