72 ވަނަ ކޭންސް ފިލްމް ފެސްޓިވަލްގެ ތެރެއިން

ކޭންސް ފިލްމް ފެސްޓިވަލް ފަސްކޮށްފި

މޭ މަހު ބޭއްވުމަށް ހަމަޖެއްސި 73 ވަނަ ކޭންސް ފިލްމް ފެސްޓިވަލް ފަސްކޮށްފިއެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އަންނަ މޭ މަހުގެ 12-23 ގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް ކޭންސް ފިލްމް ފެސްޓިވަލް ފަސްކުރީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ. ޖޫން މަހުގެ ފަހުކޮޅަށް ނުވަތަ ޖުލައި މަހުގެ ކުރީކޮޅަށް ކޭންސް ފިލްމް ފެސްޓިވަލް ފަސްކުރުމާމެދު، އެ ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ދަނީ ވިސްލަމުންނެވެ.

ފްރާންސްގައި ބާއްވަމުން އަންނަ ފެސްޓިވަލްއާއި ގުޅޭ ގޮތުން، ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތުން ބުނީ ފެސްޓިވަލް ބޭއްވޭނެ ގޮތެއް އޮތްތޯ ބެލި ކަމަށެވެ. ފްރާންސް އަދި ބައިނަލްއަގްވާމީ ސިއްހީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި ފެސްޓިވަލް ބޭއްވުމާމެދު ގޮތެއް ނިންމާ އެކަން ހާމަކުރާނެ ކަމަށް، ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް ފިލްްމް އަދި ޓީވީ ސީރީޒްތަކުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި ބައެއް ފިލްމްތައް ރިލިޒްކުރުން ވަނީ ފަސްކޮށްފައެވެ.