ފޮޓޯ: ވިޒިޓް މޯލްޑިވްސް ފޭސްބުކް

ގްރީން ޓެކްސްގެ ގޮތުގައި އޮގަސްޓް މަހު ލިބުނީ ފަސް މިލިއަން ރުފިޔާ

ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހު ދައުލަތަށް 5.29 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައުލަތަށް ލިބިފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 1.86 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރ. އަތޮޅުން ދައުލަތަށް 728،643.31 ރުފިޔާ ލިބުނުއިރު އދ. އަތޮޅުން ފަސް ލައްކަ ރުފިޔާ ލިބިފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާޗް މަހުގެ ތެރޭގައެވެ. އަދި ބޯޑަރުތައް އަލުން ހުޅުވާލީ ޖުލައި މަހުގެ ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބައެއް އަތޮޅުތަކުން ގްރީން ޓެކްސްގެ ގޮތުގައި އޮގަސްޓް މަހު ދައުލަތަށް އެއްވެސް އާމްދަނީއެއް ލިބިފައިނުވެއެވެ. އޭގެ ތެރޭގައި ހއ. އަތޮޅާއި ހދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅު އަދި ގދ. އަތޮޅު ހިމެނެއެވެ.

އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި އައްޑޫ އަތޮޅުން ލިބުނީ 183.84 ރުފިޔާއެވެ. އަދި ށ. އަތޮޅުން ލިބުނީ 276.48 ރުފިޔާއެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ބޭރުގެ ފަތުރުވެރިންގެ އަތުން، އެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކުހުގެ ގޮތުގައި ހަ އެމެރިކާ ޑޮލަރު ދައުލަތަށް ނަގައެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ޖަމާވަނީ ގްރީން ފަންޑަށެވެ.