ވަޓްސްއެޕް ގްރޫޕްތަކުގައި ޓިކްޓޮކް މެލްވެއާއެއް ދައުރުވަނީ

ޓިކްޓޮކް ޕްރޯގެ ނަމުގައި ޓިކްޓޮކް މެލްވެއާއެއް ވަޓްސްއެޕް ގްރޫޕްތަކުގައި ދައުރުވަމުންދާ ކަމަށް މަހާރާޝްތުރާ ސައިބާ ސެލް އިން ހާމަކޮށްފިއެވެ.

މަހާރާޝްތުރާ ސައިބާ ސެލް އިން ހާމަކުރި ގޮތުގައި މި މެލްވެއާއަކީ ފޯނުގައިވާ މައުލޫމާތު ހޯދުމުގެ ގާބިލުކަން ލިބިފައިވާ މެލްވެއާއެކެވެ.

ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ 59 އެޕްލިކޭޝަނެއް އިންޑިއާގައި ވަނީ މަނާކޮށްފައެވެ. އިންޑިއާގައި ޓިކްޓޮކް މަނާކޮށްފައިވާއިރު، ޓިކްޓޮކް ޑައުންލޯޑް ކުރުމަށް އާންމުން ދަނީ މަސައްކަތްވެސް ކުރަމުންނެވެ. މިދަނޑިވަޅުގައި ޓިކްޓޮކް މެލްވެއާ ވަނީ ނާޖާއިޒު ފައިދާ ނަގާފައެވެ. އަދި މެލްވެއާގެ މަޅީގައި ގިނަ ބަޔަކު ވަނީ ޖެހިފައެވެ.

މަހާރާޝްތުރާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި ޓިކްޓޮކް ޕްރޯ މެލްވެއާއަކީ އޮރިޖިނަލް ޓިކްޓޮކް އެޕްލިކޭޝަނާއި އެއްގޮތް އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން ކެމެރާ، ފޮޓޯ ގެލެރީ ފަދަ ތަކެތީގެ ޕާމިޝަނަށް އެދޭ ކަމަށްވެސް މަހާރާޝްތުރާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.