ޝަންހާއީ ޑިޒްނީލޭންޑް އަލުން ހުޅުވާލައިފި

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ޝަންހާއީ ޑިޒްނީލޭންޑް އަލުން ހުޅުވާލައިފިއެވެ.

ޝަންހާއީ ޑިޒްނީލޭންޑް އަލުން ހުޅުވާލާފައި މިވަނީ ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހުގައެވެ. އެ ޕާކް އަލުން ހުޅުވާލި ނަމަވެސް، މީގެ ކުރިއާ ހިލާފަށް ބައެއް ކަންކަން ތަފާތުވާނެއެވެ.

އާންމުކޮށް، އެ ޕާކްއަކީ އެއްފަހަރާ 12،000 ޑިޒްނީގެ މުވައްޒަފުން އަދި 80،000 އާންމުން ހަރަކާތްތެރިވާ ތަނެކެވެ. ނަމަވެސް އިއްޔެ ޕާކް އަލުން ހުޅުވާލިއިރު، އެއް ވަގުތެއްގައި ޕާކްގައި އުޅެވޭ އާންމުންގެ އަދަދު ވަނީ 30 އިންސައްތައަށް ކުޑަކޮށްފައެވެ.

ޕާކް އަލުން ހުޅުވާލިއިރު، ޕާކް ސާފުކުރުމަށް ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ. ޕާކަށް ޒިޔާރަތްކުރާ މީހުން މާސްކް އަޅަން ޖެހޭއިރު، ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެއެވެ. އަދި ޕާކް ތެރޭގައި މީހުން އުޅޭއިރު އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެއެވެ.