ބިޔޯންސޭ އާއި ނާލާ

"ދަ ލަޔަން ކިންގް" ގެ "ސްޕިރިޓް" ލަވަ ބިޔޯންސޭ ލޯންޗްކޮށްފި

ޑިޒްނީގެ ލައިވް-އެކްޝަން ފިލްމް "ދަ ލަޔަން ކިންގް" ގައި ނާލާގެ ގޮތުގައި ބިޔޯންސޭގެ އަޑު އިވިގެން ދާނެއެވެ. ޑިޒްނީގެ "ދަ ލަޔަން ކިންގް" އިން އަޑު އިވިގެންދާނެ "ސްޕިރިޓް" ލަވަ ވަނީ ލަވައިގެ ވީޑިއޯއަކާއި އެކު އިއްޔެ ބިޔޯންސޭ ލޯންޗްކޮށްފައެވެ. މި ވީޑިއޯއިން ބިޔޯންސޭ އާއި އެކު ފިލްމުގެ އެކި ތަންކޮޅުކޮޅުވެސް ފެނިގެންދެއެވެ.

މި ލަވައަކީ "ދަ ލަޔަން ކިންގް: ދަ ގިފްޓް" އަލްބަމުން ލަވައެކެވެ. މި ފިލްމަށް މި ލަވަ ލިޔެފައިވަނީ ބިޔޯންސޭގެ އިތުރުން، އިލްޔާ ސަލްމަންޒަޑެހް އަދި ޓިމޮތީ މެކެންޒީ އެކުވެގެންނެވެ.

"ދަ ލަޔަން ކިންގް: ދަ ގިފްޓް" އަކީ ބައިވަރު ފަންނާނުން އެކުލެވޭ، ބިޔޯންސޭ ޕްރޮޑިޔުސް ކޮށްގެން ގެނެސްދޭ އަލްބަމެކެވެ. އެކިކަހަލަ އަޑުތައް މި އަލްބަމަށް ބިޔޯންސޭ ނަގާފައިވަނީ ވަރަށް ސަމާލުކަމާއި އެކުއެވެ. އަދި މި އަލްބަމުން ބައިވަރު އެފްރިކާގެ އާޓިސްޓުން ފެނިގެން ދާނެއެވެ.

"މިއީ ސޮނިކް ސިނަމާ. މިއީ ވާހަކަ ކިޔައިދިނުމުގެ އާ ތަޖުރިބާއެއް. އަހަރެން ބޭނުންވީ ފިލްމުން އިންސްޕަޔާ ވި ލަވަ ތަކެއް ހޯދުމުގެ އިތުރުން ކަމެއް ކުރަން. މިއީ އެކި އެކިވައްތަރުގެ ޖޯންރާތަކާއި އެކި ކަހަލަ ކޮލަބޮރޭޝަން ތަކެއް، މިއީ ހަމައެކަނި އެއް އަޑެއް ނޫން. މި އިންފްލުއެންސް ވެފައިވަނީ އާރ އެންޑް ބީ، ޕޮޕޮ، ހިޕް-ހޮޕް، އެފްރޯ ބީޓް އިން." ބިޔޯންސޭގެ ސްޓޭޓްމެންޓެއްގައި ބުނެފައިވެއެވެ.

މި އަލްބަމްއަކީ "ދަ ލަޔަންކިންގް" ފިލްމުގެ ސައުންޑް ޓްރެކްއެވެ. އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ ފިލްމާއި އެއް ދުވަހެއްގައެވެ.