ކުރިޔަށް ހުރި ޑިޒްނީގެ ލައިވް-އެކްޝަން ފިލްމުތައް

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ޑިޒްނީ އިން އަންނަނީ، ޑިޒްނީގެ ކުރީގެ ކްލާސިކް ކާޓޫންތައް ލައިވް-އެކްޝަން ފިލްމްތަކެއްގެ ގޮތުގައި ނެރެމުންނެވެ. ކާމިޔާބީ އާއި ނާކާމިޔާބިއާއެކުވެސް ޑިޒްނީގެ މި ފިލްމްތައް މަޑު ޖެހިނުލާ ސިނަމާތަކުގައި އަޅުވަމުން އެބަދެއެވެ.

މިހާތަނަށް ނެރެފައިވާ ފިލްމްތައް:

"އެލައިސް އިންދަ ވޮންޑަ ލޭންޑް" 2010

"މެލެފިސެންޓް" 2014

"ސިންދުރެއްލާ" 2015

"ދަ ޖަންގަލް ބުކް" 2016

"އެލައިސް ތުރޫ ދަ ލުކިންގ ގްލާސް" 2016

"ބިއުޓީ އެންޑް ދަ ބީސްޓް" 2017

"ކްރިސްޓޮފަރ ރޮބިން" 2018

"ޑަމްބޯ" 2019

"އަލަދީން" 2019

ކުރިޔަށް އަންނަން ހުރި ފިލްމުތައް:

"ލަޔަން ކިންގް" އެންމެ ފުރަތަމަ ނުކުތީ 1994 ވަނަ އަހަރުއެވެ. މުފާސާ ގެ ކެރެކްޓަރ އަށް އަޑު އަޅައިދިން ޖޭމްސް އާރލް ޖޯންސް މި ޖުލައި މަހުގެ 19 ވަނަ ނުކުންނަ ލަޔަން ކިންގް ގެ މުފާސާއަށްވެސް ވަނީ އަޑު އަޅައިދީފައެވެ. ޖޮން ފަވްރީއު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި ބިޔޯންސީ، ސެތް ރޯގެން، ބިލީ އައިކްނާރ ފަދަ އަދިވެސް އިތުރު މަޝްހޫރު ފަންނާނުންގެ އަޑު މި ފިލްމުން އިވިގެންދާނެއެވެ.

"މެލެފިސެންޓް: މިސްޓްރެސް އޮފް އީވެލް" ނުކުތުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. 2014 ވަނަ އަހަރުގެ "މެލެފިސެންޓް" އިންވެސް ފެނިގެންދިޔަ އެންޖަލީނާ ޖޯލީ މި ފިލްމް އިންފެނިގެންދާނެއެވެ. މި ފިލްމަކީ ފުރަތަމަ ފިލްމުގައި ދައްކުވައިދިން ކަންތައްތަކުގެ ހަތް އަހަރު ފަހުގެ ވާހަކަތައް ދައްކުވައިދޭ ފިލްމެކެވެ. ކުރިން ފިލްމުން ފެނިގެން ދިޔަ ތަރިންގެ އިތުރުން އެހެން ފަންނާނުންވެސް މި ފިލްމުން ފެނިގެން ދާނެއެވެ.

"ލޭޑީ އެންޑް ދަ ޓްރޭމްޕް" އަކީ ކުއްތާތަކެއްގެ ވާހަކަ ދައްކުވައިދޭ ކާޓުންއެކެވެ. މިއީ 1955 ވަނަ އަހަރު ނުކުތް ކާޓޫންއެކެވެ. "މެލެފިސެންޓް" ގެ 2 ވަނަ ބަޔަށް ފަހު މާ ގިނަދުވަހެއްނުވެ ނޮވެމްބަރު މަހު "ލޭޑީ އެންޑް ދަ ޓްރޭމްޕް" ސިނަމާ ތަކަށް ނެރެންވަނީ ހަމަޖެހިފައެވެ.

"މުލާން" ގެ ޓީޒާ ޓްރެއިލާ ނެރުނީ ވަރަށް ފަހުންނެވެ. 1998 ވަނަ އަހަރު ނެރުނު "މުލާން" އަކީ ޗައިނާގެ ހަން ޑައިނަސްޓީ ގައި އުޅުނު ޒުވާން އަނަހެންކުއްޖެއް އޭނާގެ ބަލި ބައްޕަގެ ބަދަލުގައި ސިފައިންގެއަށް ވަންނަ ވާހަކަ ދައްކުވައިދިން ކާޓޫން އެކެވެ. "މުލާން" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މޭ މަހުގައެވެ.

"ކްރުއެލާ" އަކީ "101 ޑަލްމޭޝަން" އިން ފެނިގެންދާ ނުބައިބައި ކުޅޭ ކުރެއެލާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެމާ ސްޓޯން އާއި އެމާ ތޮމްޕްސަން މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމްގެ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ދެން ހުރި ފިލްމްތަކަށް އަދި ރިލީޒް ކުރާނެ ތާރީހެއް އަދި ކަނޑައެއް ނާޅައެވެ. ނަމަވެސް ފިލްމްތަކަށް ކާސްޓާއި ޑައިރެކްޓަރުން ހޯދުމުގެ މަސައްކަތް ޑިޒްނީން ދަނީ ކުރަމުންނެވެ. މި ފިލްމްތަކުގެ ތެރޭގައި "ލިޓިލް މާމެއިޑް" އާއި "ސްނޯ ވައިޓް" އާއި "ޕިނޯކިއޯ" އަދި މީގެ އިތުރުންވެސް ބައިވަރު ފިލްމްތައް ޑިޒްނީން ރި-މޭކް ކުރަން ވަނީ ހަމަޖެހިފައެވެ.