ޓޯއީ ސްޓޯރީ 4 ގެ މަންޒަރެއް

ފެށުން ރަނގަޅުވެ، ޓޯއީ ސްޓޯރީ 4 އަށް ބޮޑު ކާމިޔާބީއެއް

އެނިމޭޓެޑް ފްރެންޗައިޒް، ޓޯއީ ސްޓޯރީ 4 އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބި ފެށުން ރަނގަޅުކޮށްފިއެވެ.

މިދިޔަ ހަފުތާގައި ރިލީޒްކުރި ޓޯއީ ސްޓޯރީ 4 އަކަށް ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 238 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. ލެޓިން އެމެރިކާ އާއި ޔޫރަޕުން ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

 

ޓޯއީ ސްޓޯރީގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައިވަނީ މީގެ 24 އަހަރު ކުރިން 1995 ވަނަ އަހަރުއެވެ. ފްރެންޗައިޒްގެ ދެވަނަ ފިލްމް ނެރެފައިވަނީ 1999 ވަނަ އަހަރުއެވެ. އަދި ޓޯއީ ސްޓޯރީ 3 ރިލީޒްކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. ޓޯއީ ސްޓޯރީ 3 ވެގެން ގޮސްފައިވަނީ ޓިކެޓް ވިއްކައިގެން އެއް ބިލިއަން ޑޮލަރު ލިބުނު ފުރަތަމަ އެނިމޭޓެޑް ފިލްމަށެވެ.

މި ފްރެންޗައިޒްގެ ކުރީގެ ފިލްމްތަކެކޭ އެއްފަދައިން މި ފިލްމްގައިވެސް ވުޑީ، ބަޒް، ރެކްސް، މިސްޓަރ އަދި މިސިސް ޕޮޓޭޓޯ ހެޑް ފެނިގެންދާނެއެވެ. އަދި އިތުރު ބައެއް ކެރެކްޓާތައްވެސް ފެނިގެންދާނެއެވެ.