"ދަ ލިޓިލް މާމެއިޑްގެ" ކާސްޓިންގް އާއި މެދު ގިނަ ބައެއްގެ ނުރުހުން
"ލިޓިލް މާމެއިޑް" އޭ ބުނުމުން ގިނަމީހުން ހަމަ ހިތަށް އަރާނީ ރަތް އިސްތަށިގަނޑެއްގެވެރި ހުދު ނަސްލުގެ ފެނުޕަރީއެއްގެ މަތިންނެވެ. މި ކިޔައިދިނީ 1989 ވަނަ އަހަރުގެ "ދަ ލިޓިލް މާމެއިޑް" ކާރޓޫން އިންފެނިގެންދާ އޭރިއަލްގެ ސިފަތަކެވެ.
ޑިޒްނީ ގެ ލައިވް އެކްޝަން "ދަ ލިޓިލް މާމެއިޑް" ގައި އޭރިއަލްގެ ރޯލް ކުޅުމަށް ދާދި ފަހުން ވަނީ ހޭލް ބެއިލީ ހަމަޖައްސާފައެވެ. ނަމަވެސް މިކަމާމެދު މީހުން ނުރުހުން ފާޅު ކުރަންވީ ކީއްވެހެއްޔެވެ؟ އެއީ ކުރިން ކިޔައިދިން އެއްވެސް ސިފައެއް މި ތަރީގެ ކިބައިން ފެންނަންނެތީމައެވެ.
ހޭލް ބެއިލީ އަކީ ކަޅު ނަސްލުގެ ފިލްމީ ތަރިއެކެވެ. ނަމަވެސް މިއީ އެއްވެސް މައްސަލައެއް ނޫންތާއެވެ. މީހެއްގެ ނަސްލެއްގެ ސަބަބުން ވާހަކައަށް ބަދަލު ނާންނަނަމަ ނުރުހުން ފާޅު ކުރަންވީ ސަބަބެއް ނެތެވެ. މިއާ ހިލާފަށް "މުލާން" އަށް ހުދު ނުވަތަ ކަޅު ނަސްލުގެ މީހެއް ލީނަމަވެސް ޝަކުވާ ކުރުމުން މައްސަލައެއްނެތެވެ. އެއީ "މުލާން" ގެ ވާހަކަ ބިނާވެފައިވަނީ ޗައިނާގެ ސަގާފަތާއި ގުޅުވާލާފައެވެ. ނަމަވެސް 1989 ގެ "ދަ ލިޓިލް މާމެއިޑް" ގައި ފެނިގެންދާ އެއްވެސް ކެރެކްޓާއެއްގެ ނަސްލު ބަދަލުކުރުމުން ވާހަކައަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.
ހޭލް ބެއިލީއަށް ފާޑު ކިޔަންފެށުމުން ވަރަށް ގިނަތަރިން ހޭލް ގެ ދިފާއުގައި ނުކުތެވެ. އަދި ހޭލްގެ މި ކާމިޔާބީއަށް މަރުހަބާކިޔާ މި ރޯލް އޭނާއަށް ހައްގު ކަމަށް ބުނެފައިވެއެވެ.
ހޭލް އަކީ "ކްލޯއީ އެކްސް ހޭލް" ގެ ލަވަކިޔުންތެރިއެކެވެ. ހޭލްގެ އުމުރުން އަދި އެންމެ 19 އަހަރެވެ.
ރޮބް މާޝަލް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމުގައި އުރްސަލާ ގެ ރޯލަށް މެލިސާ މަކާރތީ ވަނީ ހަމަޖެހިފައެވެ. އަދި އެހެން ރޯލުތައް ކުޅޭނެ ފަންނާނުން ހަމަޖެހިފައި ނުވާއިރު ޓެރީ ކުރޫސް ވަނީ އޭރިއެލް ގެ ބައްޕަ އަދި ޓްރިޓަން ރަސްގެފާނުގެ ރޯލު ކުޅުމަށް ޝައުގުވެރިކަން ފާޅު ކޮށްފައެވެ.